
Umar Naseer and supporters protesting against the bill that is to allow 50-year resort lease which is being debated in the parliament.
އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު މެދުރާއްޖެތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފ.ނިލަންދޫ އަށާއި ފ.ދަރަބޫދޫއަށް ވަޑައިގެންފިއެވެ. ފ.ނިލަންދޫއަށް ވަޑައިގެންނެވީ މިއަދު (2008 ސެޕްޓެމްބަރ 26 ވަނަ ދުވަހު) 12:25 ގައެވެ. މިރަށަށް ވަޑައިގެން މިރަށު ބަނދަރު ސަރަހައްދުގައި ހުކުރު ނަމާދަށް ފަހު މިރަށު ރައްޔިތުންނާއި ބައްދަލުކުރެއްވިއެވެ.
ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ މަގުތަކަކީ އަޅުގަނޑުމެންގެ ދަރިން އުޅެން އަމަން އަމާން ތަނަކަށް ހައްދަވައިދެއްވާނެކަމަށާއި ރާއްޖޭގެ ކަނޑުތައް ފުރިހަމައަށް ހިމާޔަށް ކޮށްދެއްވާނެ ކަމަށާއި މީހާރު އެއިން އެއްވެސް ކަނޑެއް އެއްވެސް އެގްރީމެންޓެއްގެ ދަށުން ބަޔަކަށް ދީފައި އޮތްނަމަ އެއެގްރިމެންޓް ބާތިލް ކުރައްވާ މިނިވަން ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. ސަރުކާރުގަ އާއި އަމިއްލަ ކުންފުނިތަކުގައި ވަޒީފާ އަދާކުރައްވާ ބޭފުޅުންގެ އިތުރުން އެއްވެސް ގޮތަކުން އެއްވެސް ވަޒީފާއެެއް އަދާކުރައްވާ ރައްޔިތެއް ކަމުގައި ވިޔަސް އެއީ މަސްވެރިކަން ނުވަތަ ދަނޑުވެރިކަން ކުރާ މީހެއް ކަމުގައި ވިޔަސް ޕްރޮވިޑެންޓް ފަންޑުގައި އެބޭފުޅަކު ހިމެނުއްވާނެކަމަށް ވިދާޅުވިއެވެ.
ފ.ނިލެންދޫގެ އާންމު ހާލަތު ބައްލަވާ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ފަހު މިއަދު (2008 ސެޕްޓެމްބަރ 26 ވަނަ ދުވަހު) 14:36 ގައި ވަޑައިގަތީ ފ.ދަރަބޫދޫ އަށެވެ. މިރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އެއްފަސް ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަވާނެ ކަމަށާއި ރާއްޖޭގައި ލޯކަލް ގަވާރމަންޓް އެއްއަހަރު ދުވަހުގެ ތެރޭގައި ޤާއިމްކޮށްދެއްވާ އިންތިހާބް ކުރެވިފައި އޮންނަ ރަށު ކައުންސިލާއި، އިންތިހާބް ކޮށްފައި ތިބޭ ކަތީބުންނާއި، އިންތިހާބް ކުރެވިފައި އޮންނަ ރކ.ކޮމެޓީއާއި، އިންތިހާބް ކުރެވިފައި އޮންނަ އަތޮޅުވެރިޔާގެ އަތްމައްޗަށް ބާރާއި އިހުތިޔާރާއި ފައިސާ ދޫކޮށްލައްވާނެ ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ. އަދިވެސް ވާހަކަފުޅު ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ އެހެނިހެން ސިޔާސީ ބޭފުޅުންނަށް ވިދާޅުވަން ކެރިވަޑައިގެން ނުގަންނަވާ ތަފާތު ސިޔާސަތު ތަކެއް އެމަނިކުފާނު މިގެންދަވަނީ ވަރަށް ސާބިތު ކަމާއި އެކު ރަށްރަށުގެ ރައްޔިތުންނާއި ހިއްސާ ކުރައްވަމުން ކަމަށެވެ.
އުމަރު ނަސީރު މެދުރާއްޖެތެރެއަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ފ.ދަރަބޫދޫ އަކީ ވަޑައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހުރަށެވެ. މިހާރު އުމަރު ނަސީރު އާއި އެމަނިކުފާނުގެ ކެމްޕޭން ޓީމް މާލެ ވަޑައިގަތުމަށް ދަތުރުފުޅުފަށްޓަވައިފިއެވެ. އަދި ލަފާކުރެވޭ ގޮތުގައި މިރޭ އިރުއޮއްސި 19:00 ހާއިރު މާލެ ވަޑައިގަންނަވާނެއެވެ.
އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު ދ.މާއެނބޫދޫ އަށް ވަޑައިގެންފިއެވެ. ދ.މާއެނބޫދޫ އަކީ 970 ވަރަކަށް މީހުން ހިމެނޭ ރަށެކެވެ. މިރަށައް ވަޑައިގެންނެވީ މިއަދު 2008 ސެޕްޓެމްބަރު 25 ވަނަ ދުވަހުގެ 15:55 ގައެވެ. މިރަށަށް ވަޑައިގެން އެންމެ ފުރަތަމަ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވައި އެމަނިކުފާނުގެ ސިޔާސަތުތައް ހާމަކުރެއްވިއެވެ. އެއަށްފަހު ރަށުގެ މުހިންމު ތަންތަނަށް ވަޑައިގެން ރަށުގެ އާންމުހާލަތު ބައްލަވައިލެއްވިއެވެ. އަދި އެއަށްފަހު ދ.ހުޅުދެލިއަށް ވަޑައިގެންނެވިއެވެ. ދ.ހުޅުދެލެއަށް ވަޑައިގެންނެވީ 17:35 ގައެވެ.
މިރޭ އުމަރު ނަސީރު އާއި އެމަނިކުފާނުގެ ކެމްޕޭން ޓީމް ރޭކުރުމަށް ހަމަޖެހިފައިވަނީ ހުޅުދެލީގައެވެ. އަދި މިރޭ 09:15 ގައި ހުޅުދެލީގެ ރައްޔިތުންނާއި ބައްދަލުކުރެެއްވުން އޮންނާނެކަމަށް އައި.ޑީ.ޕީގެ މުރާސިލް މައުލޫމާތު ދެއްވައެވެ.
އައި.ޑީ.ޕީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު މެދުރާއްޖެތެރެއަށް ކުރައްވާ ކެމްޕޭންދަތުރުފުޅުގައި ދ.ކުޑަހުވަދޫއަށް ވަޑައިގެންފިއެވެ. ދ.ކުޑަހުވަދޫ އަށް މިއަދު (2008 ސެޕްޓެމްބަރު 25 ވަނަ ދުވަހު) ވަޑައިގެންނެވީ 13:55 ގައެވެ. މިރަށައް ވަޑައިގެން ރަށުގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރައްވާ ރަށުގެ އާންމު ހާލަތު ބައްލަވައިލެއްވިއެވެ. އަދި އެއަށްފަހު 14:00 ގައި މިރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ އެމަނިކުފާނުގެ ސިޔާސަތުތައް ހާމަކުރެއްވިއެވެ. އުމަރު ނަސީރުގެ ވެރިކަމެއްގައި އެމަނިކުފާނު ވިދާޅުވާ ސިޔާސަތުތައް ދަމަހައްތަވާނަންތޯ އެރަށުގެ ރައްޔިތަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ އެސިޔާސަތުތައް ނުދެމެހެއްޓެވޭނެ ނަމަ ތަނޑިބައެއް އަތަށް އަމުނައިގެން ރައީސްކަމުގެ ގޮނޑީގައި ރަނބަ ހަލުވާކަށް ނީންނަވާނެކަމަށް ވިދާޅުވިއެވެ. އުމަރުގެ ވާހަކަފުޅުގައި މިފަހަރު ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންތަކުގެ ތެރޭގައި ތިޔަބޭފުޅުންގެ ޤައުމް ތިޔަބޭފުޅުން ހަވާލުކުރަންވާނީ އެމީހަކާއި ދިމާލަށް ވަރަށް ރަގަޅަށް ބައްލަވާފައިކަމަށްވެސް ވިދާޅުވިއެވެ.