Friday, September 26, 2008

އައި.ޑި.ޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު ފ.ނިލަންދޫ އަށާއި ފ.ދަރަބޫދޫއަށް ވަޑައިގެންފި

އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު މެދުރާއްޖެތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފ.ނިލަންދޫ އަށާއި ފ.ދަރަބޫދޫއަށް ވަޑައިގެންފިއެވެ. ފ.ނިލަންދޫއަށް ވަޑައިގެންނެވީ މިއަދު (2008 ސެޕްޓެމްބަރ 26 ވަނަ ދުވަހު) 12:25 ގައެވެ. މިރަށަށް ވަޑައިގެން މިރަށު ބަނދަރު ސަރަހައްދުގައި ހުކުރު ނަމާދަށް ފަހު މިރަށު ރައްޔިތުންނާއި ބައްދަލުކުރެއްވިއެވެ.

ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ މަގުތަކަކީ އަޅުގަނޑުމެންގެ ދަރިން އުޅެން އަމަން އަމާން ތަނަކަށް ހައްދަވައިދެއްވާނެކަމަށާއި ރާއްޖޭގެ ކަނޑުތައް ފުރިހަމައަށް ހިމާޔަށް ކޮށްދެއްވާނެ ކަމަށާއި މީހާރު އެއިން އެއްވެސް ކަނޑެއް އެއްވެސް އެގްރީމެންޓެއްގެ ދަށުން ބަޔަކަށް ދީފައި އޮތްނަމަ އެއެގްރިމެންޓް ބާތިލް ކުރައްވާ މިނިވަން ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. ސަރުކާރުގަ އާއި އަމިއްލަ ކުންފުނިތަކުގައި ވަޒީފާ އަދާކުރައްވާ ބޭފުޅުންގެ އިތުރުން އެއްވެސް ގޮތަކުން އެއްވެސް ވަޒީފާއެެއް އަދާކުރައްވާ ރައްޔިތެއް ކަމުގައި ވިޔަސް އެއީ މަސްވެރިކަން ނުވަތަ ދަނޑުވެރިކަން ކުރާ މީހެއް ކަމުގައި ވިޔަސް ޕްރޮވިޑެންޓް ފަންޑުގައި އެބޭފުޅަކު ހިމެނުއްވާނެކަމަށް ވިދާޅުވިއެވެ.

ފ.ނިލެންދޫގެ އާންމު ހާލަތު ބައްލަވާ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ފަހު މިއަދު (2008 ސެޕްޓެމްބަރ 26 ވަނަ ދުވަހު) 14:36 ގައި ވަޑައިގަތީ ފ.ދަރަބޫދޫ އަށެވެ. މިރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އެއްފަސް ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަވާނެ ކަމަށާއި ރާއްޖޭގައި ލޯކަލް ގަވާރމަންޓް އެއްއަހަރު ދުވަހުގެ ތެރޭގައި ޤާއިމްކޮށްދެއްވާ އިންތިހާބް ކުރެވިފައި އޮންނަ ރަށު ކައުންސިލާއި، އިންތިހާބް ކޮށްފައި ތިބޭ ކަތީބުންނާއި، އިންތިހާބް ކުރެވިފައި އޮންނަ ރކ.ކޮމެޓީއާއި، އިންތިހާބް ކުރެވިފައި އޮންނަ އަތޮޅުވެރިޔާގެ އަތްމައްޗަށް ބާރާއި އިހުތިޔާރާއި ފައިސާ ދޫކޮށްލައްވާނެ ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ. އަދިވެސް ވާހަކަފުޅު ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ އެހެނިހެން ސިޔާސީ ބޭފުޅުންނަށް ވިދާޅުވަން ކެރިވަޑައިގެން ނުގަންނަވާ ތަފާތު ސިޔާސަތު ތަކެއް އެމަނިކުފާނު މިގެންދަވަނީ ވަރަށް ސާބިތު ކަމާއި އެކު ރަށްރަށުގެ ރައްޔިތުންނާއި ހިއްސާ ކުރައްވަމުން ކަމަށެވެ.

އުމަރު ނަސީރު މެދުރާއްޖެތެރެއަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ފ.ދަރަބޫދޫ އަކީ ވަޑައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހުރަށެވެ. މިހާރު އުމަރު ނަސީރު އާއި އެމަނިކުފާނުގެ ކެމްޕޭން ޓީމް މާލެ ވަޑައިގަތުމަށް ދަތުރުފުޅުފަށްޓަވައިފިއެވެ. އަދި ލަފާކުރެވޭ ގޮތުގައި މިރޭ އިރުއޮއްސި 19:00 ހާއިރު މާލެ ވަޑައިގަންނަވާނެއެވެ.

Thursday, September 25, 2008

އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު ދ.މާއެނބޫދޫ އަށާއި ދ.ހުޅުދެއްޔަށް ވަޑައިގެންފި

އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު ދ.މާއެނބޫދޫ އަށް ވަޑައިގެންފިއެވެ. ދ.މާއެނބޫދޫ އަކީ 970 ވަރަކަށް މީހުން ހިމެނޭ ރަށެކެވެ. މިރަށައް ވަޑައިގެންނެވީ މިއަދު 2008 ސެޕްޓެމްބަރު 25 ވަނަ ދުވަހުގެ 15:55 ގައެވެ. މިރަށަށް ވަޑައިގެން އެންމެ ފުރަތަމަ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވައި އެމަނިކުފާނުގެ ސިޔާސަތުތައް ހާމަކުރެއްވިއެވެ. އެއަށްފަހު ރަށުގެ މުހިންމު ތަންތަނަށް ވަޑައިގެން ރަށުގެ އާންމުހާލަތު ބައްލަވައިލެއްވިއެވެ. އަދި އެއަށްފަހު ދ.ހުޅުދެލިއަށް ވަޑައިގެންނެވިއެވެ. ދ.ހުޅުދެލެއަށް ވަޑައިގެންނެވީ 17:35 ގައެވެ.

މިރޭ އުމަރު ނަސީރު އާއި އެމަނިކުފާނުގެ ކެމްޕޭން ޓީމް ރޭކުރުމަށް ހަމަޖެހިފައިވަނީ ހުޅުދެލީގައެވެ. އަދި މިރޭ 09:15 ގައި ހުޅުދެލީގެ ރައްޔިތުންނާއި ބައްދަލުކުރެެއްވުން އޮންނާނެކަމަށް އައި.ޑީ.ޕީގެ މުރާސިލް މައުލޫމާތު ދެއްވައެވެ.

'' އަޅުގަނޑު ދެންނެވި ސިޔާސަތުތައް ނުދެމެހެއްޓެވޭނެ ނަމަ ތަނޑިބައެއް އަތަށް އަމުނައިގެން ރައީސްކަމުގެ ގޮނޑީގައި ރަނބަ ހަލުވާކަށް ނީންނާނަން '' އުމަރު

އައި.ޑީ.ޕީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު މެދުރާއްޖެތެރެއަށް ކުރައްވާ ކެމްޕޭންދަތުރުފުޅުގައި ދ.ކުޑަހުވަދޫއަށް ވަޑައިގެންފިއެވެ. ދ.ކުޑަހުވަދޫ އަށް މިއަދު (2008 ސެޕްޓެމްބަރު 25 ވަނަ ދުވަހު) ވަޑައިގެންނެވީ 13:55 ގައެވެ. މިރަށައް ވަޑައިގެން ރަށުގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރައްވާ ރަށުގެ އާންމު ހާލަތު ބައްލަވައިލެއްވިއެވެ. އަދި އެއަށްފަހު 14:00 ގައި މިރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ އެމަނިކުފާނުގެ ސިޔާސަތުތައް ހާމަކުރެއްވިއެވެ. އުމަރު ނަސީރުގެ ވެރިކަމެއްގައި އެމަނިކުފާނު ވިދާޅުވާ ސިޔާސަތުތައް ދަމަހައްތަވާނަންތޯ އެރަށުގެ ރައްޔިތަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ އެސިޔާސަތުތައް ނުދެމެހެއްޓެވޭނެ ނަމަ ތަނޑިބައެއް އަތަށް އަމުނައިގެން ރައީސްކަމުގެ ގޮނޑީގައި ރަނބަ ހަލުވާކަށް ނީންނަވާނެކަމަށް ވިދާޅުވިއެވެ. އުމަރުގެ ވާހަކަފުޅުގައި މިފަހަރު ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންތަކުގެ ތެރޭގައި ތިޔަބޭފުޅުންގެ ޤައުމް ތިޔަބޭފުޅުން ހަވާލުކުރަންވާނީ އެމީހަކާއި ދިމާލަށް ވަރަށް ރަގަޅަށް ބައްލަވާފައިކަމަށްވެސް ވިދާޅުވިއެވެ.

'' ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދެވޭ ގޮނޑިއެއްގައި އެއްމެ މިނެޓަކަށްވެސް ގޮނޑި ހޫނުކުރަން ނީންނާނަން '' އުމަރު ނަސީރު

އައި.ޑީ.ޕީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު މެދުރާއްޖެތެރެއަށް ކުރައްވާ ކެމްޕޭންދަތުރުފުޅުގައި 2008 ސެޕްޓެމްބަރު 25 ވަނަ ދުވަހު އުމަރު ނަސީރު ތ.ބުރިނީ ރައްޔިތުންނާއި ބައްދަލުކުރައްވާ ޑްރަގް އެތެރެ ކުރާމީހުންނަށް މަރުގެ އަދަބު ނުދެވޭ ގޮނޑިއެއްގައި އެންމެ މިނެޓަކުވެސް ގޮނޑި ހޫނުކުރަން ނީންނާނެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. މިރަށުގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނުގެ ވާހަކަފުލު އަޑުއެއްސެވަން މިބައްދަލުވުމަށް ވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނާއި މިރަށު ރައްޔިތުންނާއި ކުރެއްވި ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވި ކަމަށް އައި.ޑީ.ޕީގެ މުރާސިލް މައުލޫމާތުދެއްވައެވެ.

އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު ތ.ބުރުނީގައި

އައި.ޑީ.ޕީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު މެދުރާއްޖެތެރެއަށް ކުރައްވާ ކެމްޕޭންދަތުރުފުޅުގައި މިހާރު ވަޑައިގެން އުޅުއްވަނީ ތ.ބުރުނީގައެވެ. ތ.ބުރުނީ އަށް ވަޑައިގެންނެވީ 11:37 ގައެވެ. އުމަރު ނަސީރު މިރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުން 12:30 ގައި މިރަށު ބަނދަރު ސަރަހައްދުގައި އޮންނާނެއެވެ. މިރަށުގެ މުހިންމު ތަންތަނަށް އުމަރު ނަސީރު ޒިޔާރަތް ކުރެއްވިކަމަށް އައި.ޑީ.ޕީގެ މުރާސިލް މައުލޫމަތު ދެއްވައެވެ. އަދި މިރަށުގައި ސުނާމީގައި ހާލުގައި ޖެހުނު ވިލިފުށީ ރައްޔިތުންގެ ދިރިއުޅެމުންދާ ޓެންޓްތަކަށް ޒިޔާރަތް ކުރައްވާނެކަމަށްވެސް މައުލޫމާތު ދެއްވިއެވެ.

ދެހާއްޖީންގެ ރަށުގައި އުމަރު ނަސީރު

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތިލައްވާފައިވާ އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އަލްފާޟިލް އުމަރު ނަސީރު ރޭ (2008 ސެޕްޓެމްބަރ 24 ވަނަ ދުވަހުގެ ރޭ) 09:30 ގައި ދިވެހިރާއްޖެ އެދެބޭފުޅަކަށްޓަކައި ފަހުރުވެރިވާ ދެހާއްޖީންގެ ރަށް ކަމުގައިވާ ތ އަތޮޅު ތިމަރަފުށްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލު ވުން އޮތީ އެރަށު ބަނދަރު ސަރަހައްދުގައެވެ. މިބައްދަލުވުމަށް އެރަށުގެ ވަރަށް ގިނަ ރައްޔިތުން ވަޑައިގެން އެމަނިކުފާނުގެ ވާހަކަފުޅު އަޑުއެއްސެވިއެވެ. އުމަރުގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ވެރިކަމެއްގައި ކަންކަން ހަމަޖައްސަވާ ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި ހުރިހާ ކަމެއް ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި ގޯތިގެދޮރުގެ ދަތިކަމާއި އެއްފަަސްކުރުން އަދި ވަކިން ހާއްސަކޮށް ޤައުމަށް ކުރިމަތިވެފައިވާ ޑްރަގް ގެ ނުރައްކާތެރިކަމުން ޤައުމް ސަލާމަތް ކޮށްދެއްވާނެ ކަމަށެވެ.

Wednesday, September 24, 2008

އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު ތ.ގާދިއްފުށީ އަދި ތ. ގުރައިދޫ އަށް ވަޑައިގެންފިި

އައި.ޑީ.ޕީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު މެދުރާއްޖެތެރެއަށް ކުރައްވާ ކެމްޕޭންދަތުރުފުޅުގައި މިހާރު ވަޑައިގެން އުޅުއްވަނީ ތ.ގުރައިދޫގެ އާންމު ހާލަތު ބައްލަވާ އެރަށު ރައްޔިތުންނާއި ބައްދަލުކުރެއްވިއެވެ. ތ.ގުރައްދީ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ދިވެހިރާއްޖޭގައި ފުރިހަމަ ލޯކަލް ޤަވާރމަންޓްގެ ނިޒާމެއް ޤާއިމްކޮށްގެން ނޫނީ ދިވެހިރާއްޖެ ތަރައްޤީ ނުކުރެވޭނެކަމަށް ފެނިވަޑައިގަންނަވާކަމަށެވެ. ﷲ އިރާދަފުޅުން އެމަނިކުފާނަށް ދިވެހިރާއްޖޭގެ ވެރިކަން ލިބިއްޖެނަމަ ލޯކަލް ގަވާރމަންޓްގެ ފުރިހަމަނިޒާމެއް ޤާއިމް ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ، ޑްރަގްގެ ހާލަތު އަނބުރާލައްވާނެ ކަމަށާއި ރާއްޖޭގެ ހަތަރު ސަރަހައްދުގައި ހަތަރު ސިޓީ ޤާއިމް ކުރައްވާނެ ކަމަށެވެ. ގުރައިދޫ އަކީ އެއްފަސް ކުރަން ޖެހޭ ރަށެއް ނޫން ކަމަށާއި ރާއްޖޭގެ ހަތަރު ސަރަހައްދުގައި ހަތަރު ސިޓީ ޤާއިމް ކުރެއްވުމުން ގުރައިދޫ ފަދަ ރަށްރަށައް ތަރައްޤީ އިތުރުވެގެން ދާނެކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.

ތ.ގުރައިދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ އެރަށުގެ އާންމު ހާލަތު ބެއްލެވުމަށްފަހު މިހާރު އެމަނިކުފާނު ވަޑައިގެން އުޅުއްވަނީ ތ.ގާދިއްފުށީގައެވެ. ތ.ގާދިއްފުށްޓަށް ވަޑައިގަތީ 16:25 ގައެެވެ. ތ.ގާދިއްފުށީގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރެއްވުމަށް ފަހު މިހާރު އުމަރު ނަސީރު އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވަމުން އެބަގެންދަވައެވެ.

އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު ތ.ގުރައިދޫގައިި

އައި.ޑީ.ޕީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު މެދުރާއްޖެތެރެއަށް ކުރައްވާ ކެމްޕޭންދަތުރުފުޅުގައި މިހާރު ވަޑައިގެން އުޅުއްވަނީ ތ.ގުރައިދޫގައެވެ. ތ.ގުރައިދޫ އަށް ވަޑައިގަތީ މިއަދު 14:22 ގައެވެ. ގުރައިދޫގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރެއްވުމަށް ފަހު މީހާރު އުމަރު ނަސީރު މިރަށު ހޮޅުއަށި ސަރަހައްދުގައި ރައްޔިތުންނާއި ބައްދަލުކުރައްވަމުން އެބަގެންދަވައެވެ.

އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު މ.ކޮޅުފުށީގެ ސުނާމީގައި ހާލުގައި ޖެހުނު ރައްޔިތުންނާއި ބައްދަލުކުރައްވައިފި

އައި.ޑީ.ޕީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު މ.މުލީގެ އާންމު ހާލަތު ބައްލަވާ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހު މ.ކޮޅުފުށްޓަށް ވަޑައިގަތުމަށް މިއަދު ހެނދުނު 11:05 ގައި ދަތުރުފުޅު ފަށްޓަވައި 11:40 ގައި ކޮޅުފުށްޓަށް އުމަރު ނަސީރު ވަޑައިގެންނެވިއެވެ. އަދި މިހާރި އެމަނިކުފާނު ގެންދަވަނީ ކޮޅުފުށީގެ ސުނާމީގައި ހާލުގައި ޖެހުނު ރައްޔިތުންނާއި ބައްދަލުކުރައްވަމުންނެވެ. ޓެންޓު ތަކަށް ވެދިވަޑައިގެން އެތަންތަނުގައި އެރަށު ރައްޔިތުން އުޅެމުން ގެންދާ ދަތި ހާލަތު އެމަނިކުފާނު ބައްލަވަމުން އެބަ ގެންދަވައެވެ. އަދި ޓެންޓު ތަކުގައި ދިރިއުޅެމުންދާ މިރަށުގެ ރައްޔިތުން އެބޭފުޅުންގެ އުދާސްތައް އެމަނިކުފާނަށް ދެންނެވިއެވެ. ދުވާލު ހޫނުގަދައިރު ޓެންޓުތަކުގެ ތެރޭގައި ދިރިނޫޅެވޭތީވެ ވޭތުވިދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި އެރަށުގެ ދުވާލުގެ ގަޑި ތަކުގައި ރައްޔިތުން އުޅެނީ ޓެންޓުން ބޭރުގައި ގަސްގަހުގެ ހިޔަލުގައިކަމަށް އެބޭފުޅުން ފާހަގަ ކުރެއްވިއެވެ. އައި.ޑީ.ޕީ އިން ދެކޭ ގޮތުގައި މިޓެންޓު ތަކަކީ އެއްގޮތަކަށްވެސް އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަންތަނެއް ނޫނެވެ. ކޮޅުފުށީގެ ރައްޔިތުން ދެކޭ ގޮތުގައި ސަރުާރުން އެމީހުންނަށް ދޭންވާވަރާ ގާތަށްވެސް އެހީތެރިކަން ނުދެއްވާކަމަށް ރައްޔިތުން ފާހަގަ ކުރައްވައެވެ. މިހާރުމިވަނީ ދެވަނަ ސުނާމީ އެއް ކޮޅުފުށްޓަށް އަރާފައިކަމަށް އެއީ އެމީހުންގެ ހާލު އެއްދުވަހުން އަނެއް ދުވަހަށް ގޯސް ވަމުން އަންނާތީކަމުގައި މިރަށު ރައްޔިތުން ފާހަގަ ކުރެއްވިއެވެ. އަދި މީގެ އިތުރުން މިއަތޮޅުގެ އަތޮޅުވެރިން އެކަށީގެންވާ ވަރަށް މިރަށަށް ޒިޔާރަތް ނުކުރައްވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

"އައި.ޑި.ޕީގެ ވެރިކަމެއްގައި ޑްރަގް އެތެރެކޮށް ވިއްކާ ނިޒާމް ފުނޑުފުނޑު ކޮށްލާނަން" – އުމަރު ނަސީރު

އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު މިހާރު މެދުރާއްޖެ ތެރެއަށް ކުރައްވަމުން ގެންދަވާ އެމަނިކުފާނުގެ ކެމްޕޭން ދަތުރުފުޅުގައި 2008 ސެޕްޓެމްބަރ 23 ވަނަ ދުވަހުގެ ރޭ 09:30 ގައި މ.މުލީ ބަނދަރުގައި ހުންނަ ސްޓޭޖް ސަރަހައްދުގައި މިރަށު ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ. އުމަރުގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ވެރިކަމެއްގައި މަސްތުވާތަކެތި އެތެރެކޮށް ވިއްކާ ނިޒާމް ފުނޑުފުނޑު ކޮށްލާނެ ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސިޔާސަތުތައް މިރަށުރައްޔިތުނަށް ހާމަކުރައްވާ ރައްޔިތުން ކުރެއްވި ސުވާލުތަކަށް އެމަނިކުފާނު ޖަވާބުދެއްވިއެވެ.

Tuesday, September 23, 2008

އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު މ.ނާލާފުށްޓަށާއި މ.މުލި އަށް ވަޑައިގަންނަވައިފި

އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު މެދުރާއްޖެތެރެއަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި މިހާރު ވަޑައިގެން އުޅުއްވަނީ މ.ނާލާފުށީގައެވެ. މ.ނާލާފުށްޓަށް ވަޑައިގެންނެވީ 17:00 ގައެވެ. މ.ނާލާފުށްޓަށް ވަޑައިގެން މިރަށުގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރެއްވިއެވެ. އަދި އަތިރިމަތީ ހޮޅުއަށީގައި މިރަށުރައްޔިތުންނާއި ބައްދަލުކުރައްވާ އެމަނިކުފާނުގެ ސިޔާސަތުތައް ހާމަކުރެއްވިއެވެ. އަދި ރައްޔިތުންނާއި ދެއްކެވި ވާހަކަފުޅުގައި ވޯޓް ގަންނާނެ ފައިސާ ނެތްކަމަށާއި އެމަނިކުފާނަށް ދެވެން އޮތީ ހިތްވަރާ، އަޒުމާ، އެމަނިކުފާނުގެ ލޭފޮދު ކަމަށެވެ. މިރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހު ދެން ވަޑައިގެންނެވީ މ.މުލި އަށެވެ. މ.މުލިއަށް ވަޑައިގެންނެވީ 17:35 ގައެވެ.

މ.މުލިއަށް ވަޑައިގެންނެވިއިރު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވަޑައިގެންތިއްބެވި ރައްޔިތުންނާއި ބައްދަލުކުރައްވާ ރަށުތެރެ ބައްލަވާލެއްވިއެވެ. މިރޭ އުމަރު ނަސީރު އާއި އެމަނިކުފާނުގެ ކެމްޕޭން ޓީމް ރޭކުރުމަށް ހަމަޖެހިފައިވަނީ މ.މުލީގައެވެ. އަދި މިރޭ 09:30 ގައި އުމަރު ނަސީރު މިރަށު ބަނދަރުމަތީ ސްޓޭޖް ސަރަހައްދުގައި ގައި މުލީގެ ރައްޔިތުންނާއި ބައްދަލުކުރައްވާނެއެވެ. އަދި ރަށުތެރޭގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ޕޯސްޓަރު ހަރުކޮށްފައިވާ ކަމަށް އައި.ޑީ.ޕީގެ މުރާސިލް މައުލޫމާތު ދެއްވައެވެ.

އުމަރު ނަސީރުގެ ވެރިކަމެއްގައި މ.ދިއްގަރަށް ފްލެޓް

އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އަލްފާޟިލް އުމަރު ނަސީރުގެ ކެމްޕޭން ދަތުރުފުޅުގައި މ.ދިއްގަރަށް ވަޑައިގެން މިއަދު (2008 ސެޕްޓެމްބަރ 23 ވަނަ ދުވަހު) 15:30 ގައި އެރަށު މާރުކޭޓް ސަރަހައްދުގައި ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އެރަށުގެ ރައްޔިތުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ މިރަށަކީ ބިން ފުރުފައިވާ ރަށަކަށްވާތީ އެމަނިކުފާނުގެ ވެރިކަމެއްގައި މިފަދަ ރަށްރަށުގައި އަޅުއްވަން ހަމަޖައްސަވާފައިވާ ފްލެޓްތަކުގެ ތެރެއިން މިރަށުގައިވެސް ފްލެޓް އަޅުއްވައިދެއްވާނެ ކަމަށެވެ.

މިރަށުގެ ރައްޔިތުން އެމަނިކުފާނު ވަޑައިގަތުމުން ދެއްވި ތަރުހީބަށް ޝުކުރު އަދާކުރެއްވިއެވެ.

އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު މ.ދިއްގަރުގައި

އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު މިހާރު މެދުރާއްޖެތެރެއަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި މިހާރު ވަޑައިގެން އުޅުއްވަނީ މ.ދިއްގަރުގައެވެ. މ.ދިއްގަރަށް ވަޑައިގެންނެވީ 14:25 ގައެވެ.

ގަދަކަމުން އެއްވެސް ރަށެއް އެއްފަސް ނުކުރައްވާނެ ކަމަށް އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު ވިދާޅުވެއްޖެ

އުމަރު ނަސީރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ގަދަކަމުން އެއްވެސް ރަށެއް އެއްފަސް ނުކުރައްވާނެ ކަމަށް ވ.ފެލިދޫގެ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން މިއަދު ވިދާޅުވެއްޖެއެވެ. އަދި އުމަރު ނަސީރުގެ ވާހަކަ އަޑުއެއްސެވުމަށް ވަޑައިގެންތިއްބެވި މިރަށުގެ ރައްޔިތުން އުމަރު ނަސީރަށް ދެންނެވީ އެމަނިކުފާނުގެ ސިޔާސަތުތަކަކީ މިހާރު ސިޔާސީ މައިދާނަށް ނިކުމެ ވަޑައިގެންތިއްބެވި ބޭފުޅުންގެ ތެރެއިން އެންމެ ރަގަޅު ސިޔާސަތުތައް ކަމަށެވެ. އަދި ރައްޔިތުން ކުރެއްވި ހުރިހާ ސުވާލުތަކަށްވެސް އެމަނިކުފާނު ޖަވާބު ދެއްވިއެވެ. އެމަނިކުފާނު އެރަށުން ފުރާވަޑައިގަތީ 13:35 ގައެވެ. ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މ.ދިއްގަރަށެވެ.

އައި.ޑި.ޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު ވ.ފެލިދޫގައި

އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު މިހާރު މެދުރާއްޖެތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިހާރު ވަޑައިގެން އުޅުއްވަނީ ވ.ފެލިދޫގައެވެ. ވ.ފެލިދޫއަށް ވަޑައިގަތީ މިއަދު 12:40 ގައެވެ. މިރަށަށް ވަޑައިގެން ރަށު އޮފީހަށް ޒިޔާރަތްކުރެއްވިއެވެ. އަދި މިހާރު އަތިރިމަތި ހޮޅުއަށީގައި އެރަށުރައްޔިތުންނާއި ބައްދަލުކުރައްވަމުން އެބަގެންދަވައެވެ.

އައި.ޑި.ޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު މެދުރާއްޖެ ތެރެއަށް ފުރާވަޑައިގެންފި

އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު މެދުރާއްޖެތެރެއަށް ކުރައްވަން ހަމަޖެހިފައިވާ ކެމްޕޭން ދަތުރުފުޅު މިއަދު (2008 ސެޕްޓެމްބަރ 23 ވަނަ ދުވަހުގެ) 11:00 ގައި ފަށްޓަވައިފިއެވެ. މިދަތުރުފުޅުގައި ރައްޔިތުންނާއި ބައްދަލުކުރައްވާ އެމަނިކުފާނުގެ ސިޔާސަތުތައް ހާމަކުރައްވާނެއެވެ. އަދި އެރަށްރަށުގެ އާންމު ހާލަތު ބައްލަވާ ސްކޫލް، އޮފީސް، މިސްކިތް އަދި އިންޖީނުގެފަދަ މުހިންމު ތަންތަނަށް ޒިޔާރަތް ކުރައްވާ ރކ.ކޮމީޓީތަކާއި ކްލަބް ޖަމްއިއްޔާތަކާއި ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިދަތުރުފުޅުގައި މިއަދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ވ.ފެލިދޫ، މ.ދިއްގަރު، މ.ނާލާފުށި، މ.މުލި އަދި މ.މުލަކަށެވެ.

އައި.ޑީ.ޕީގެ ކެންޑިޑޭޓްގެ ނަން ކަމިޝަނަރ އޮފީހުން ބަލައިގެންފި

ދިވެހިރާއްޖޭގެ ހުރިހާ ޕާރޓީތައް ހިމެނޭ ގޮތަށް 2008 ވަނަ އަހަރު ބާއްވާ ފުރަތަމަ ރިޔާސީ އިންތިހާބްގައި އިސްލާމިކް ޑިމޮކްރެޓިކް ޕާރޓީއިން ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ނަންފުޅު ކަމިޝަނަރ އޮފް އިލެކްޝަންސް އިން ބަލައިގެންފިއެވެ. އައި.ޑީ.ޕީގެ ފަރާތުން އުމަރު ނަސީރުގެ ނަންފުޅު ކަމިޝަނަރ އޮފީހަށް ހުށަހެޅުއްވީ 2008 ސެޕްޓެމްބަރ 21 ވަނަ ދުވަހުގެ 14:30 ގައެވެ. އަދި އެމަނިކުފާނުގެ ނަންފުޅެ އެއޮފީހުން ބަލައިގަތް ކަން ރަސްމީކޮށް އައި.ޑީ.ޕީ އަށް މިއަދު އަންގަވާފައިވާކަމަށް އައި.ޑީ.ޕީގެ މީޑިޔާ ކޯރޑިނޭޓަރ ފާތުމަތު ޝާހުނާޒް މައުލޫމާތު ދެއްވައެވެ.